ގުލައުކޯމާ
ގުލަކޯމާޖެހޭ ގިނަމީހުންގެ ލޮލުގެ ޕުރެޝަރު ހުންނަން ވާވަރަށްވުރެ މަތިވެގެން ދާނެއެވެ. މިކަން ދެނެގަތުން ލަސްވެއްޖެނަމަ ލޮލުގެ ނާރަށް ބޮޑެތި ގެއްލުން ތަކެއްލިބި ނާރުހަލާކުވެގެން ހިގައިދާނެއެވެ.

ގުލައުކޯމާ އަކީ ކޮބައިހެއްޔެވެ؟
ގުލައުކޯމާ އަކީ ލޮލުގެ ނާރަށްޖެހޭ ބައްޔެކެވެ. މިބަލި ޖެހެނީ ލޮލަށްޖެހޭ ތަފާތު އެކިއެކި ބަލިތަކެއްގެ ސަބަބުން ލޮލުގެ ނާރުބަލިވެ، ފެނުމަށް ދާއިމީ ބަދަލުތަކެއް އައިސް ބަލިމީހާ އަށް ފެންނަވަރު ކުޑަވެގެން ދިއުމުގެ ސަބަބުންނެވެ.
ގުލަކޯމާގެ އަސަރު ކޮށްފައިވޭތޯ ބެލުމަށް ހެދިދާނެ ޓެސްޓްތަކަކީ ކޮބައިހެއްޔެވެ؟
- ލޮލަށް ފެންނަވަރު ބެލުން
- ލޮލުގެ ޕްރެޝަރު ބެލުން
- ގޯނިއޮސް ކޮޕީ - މި ޓެސްޓަކީ ލޮލުގެ އެތެރޭގައި ހެދޭފެން ބޭރުވާ އެއްވެސް ދިމާލެއް ބެދިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ

- ޕެރިމެޓްރީ (މިއީ ދެލޮލަށް ވަކިންހަދާ ޓެސްޓެކެވެ. މިޓެސްޓް ހަދަނީ ތިރިން މައްޗަށް ނުވަތަ ދެއަރިމަތިން ފެންނަ ބޮޑުމިނަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށެވެ.)
- އޯސީޓީ- ލޮލުގެ ނާރަށް އަންނަ ބަދަލު ދެނެގަތުމަށް ހަދާ ސްކޭނެއް

ގުލަކޯމާ އާންމު ގޮތެއްގައި ޖެހެނީ ކޮންބަޔަކަށް ހެއްޔެވެ؟
- 45 އަހަރުން މަތީގެ މީހުން
- އާއިލާއިން ވާރުތަވުން (ބައްޕަ އަދި މަންމައަށް މިބަލި ޖެހިފައިވުން)
- ލޮލުގެ ޕުރެޝަރު އާދަޔާ ޚިލާފަށް މަތިވެފައި ހުރުން
- ހަކުރުބަލީގެ މީހުން
- ދިގުމުއްދަތެއްގައި "ސްޓެރޮއިޑް" ގެ ބޭހެއް ބޭނުން ކޮށްފައިވުން.
- ކުރިން ލޮލަށް އަނިޔާއެއް ލިބިފައިވުން
މިބަލީގެ އަލާމާތް ތަކަކީ ކޮބައިހެއްޔެވެ؟
މިބަލީގެ ކުރީކޮޅުގައި ބަލިޖެހިފައި ހުރިކަން ފާހަގަ ނުކުރެވި ހިގައިދާނެއެވެ. ނަމަވެސް ބަލީގެ އަސަރު ބޮޑަށް ކޮށްފިނަމަ، ލޮލޮގެ ނާރު ވަރަށް ބޮޑަށް ހަލާކުވެ، ދާއިމީ ގޮތެއްގައި ލޯ އަނދިރިވެގެން ހިގައިދާނެއެވެ. އަދި ބައެއް ވައްތަރުގެ ގުލަކޯމާ ޖެހުމުން ލޮލުގެ އެތެރޭގެ ޕުރެޝަރު އާދަޔާ ޚިލާފަށް މައްޗަށްގޮސް ކެތްނުވާވަރަށް ލޮލުގައި ރިއްސާ، ހޮޑުލެވި، ލޯރަތްވެ އަދި ކުއްލިއަކަށް ލޯ އަދިރިވާގޮތް ދިމާވެއެވެ.
މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަކަށް ދައްކަވައިގެން ފަރުވާ ހޯއްދަވާށެވެ.
Content from
IGMH / Dharumavantha Hospital leaflet
IGMH, Kan’baa Aisarani Higun,
20402, Male, Maldives